ދަރިފުޅު ކޮއްޓަށް ލުމަކީ، މިހާރުވެސް ގިނަ މައިންބަފައިން ކޮށް އުޅޭ ކަމެކެވެ. މިކަން މައިންބަފައިންގެ މެދުގައި މަގުބޫލުވެފައިވަނީ ކޮއްޓަށް ލުމުގެ ސަބަބުން ދަރިފުޅަށް ހިނގަން ދަސްވެ، ނުހިނގޭ ދުވަސްވަރު، ކުއްޖާ ފޫހި ފިލުވައިދޭނެތީއެވެ.

Ads by Asuru

ކޮށީގައިވާ ފުރޮޅޮތަކުގައި އެހީގައި، ތުއްތު ކުއްޖާއަށް އެއްތަނުން އަނެއް ތަނަށް ދެވޭއިރު، އެކި ކޮށީގައި ތުއްތު ކުދިން މުނިފޫހިފިލުވައިދިނުމަށްޓަކައި، އެކި ވައްތަރުގެ ކުޅޭ އެއްޗެހިވެސް ހަރުކޮށްފައި ހުރެއެވެ. މި ހުރިހާ ކަމަކާއެކުވެސް، ދަރިފުޅު ކޮއްޓަށް ލުމަކީ އެންމެ ރަނގަޅު ގޮތް ކަމާމެދުގައި، މިހާރު ދަނީ ބަހުސްތައް ކުރެވެމުންނެވެ.

ތުއްތު ދަރިފުޅު ކޮއްޓަށް ލާފައި ހުންނައިރު، ބައެއް ފަހަރު ވަރަށް ބާރަށްވެސް ކޮށި ދުއްވާލެވިދާނެއެވެ. މިއީ އެ ތުއްތު ކުއްޖާއަށް ނޭނގުމެއްގެ ތެރޭގައި ކުރެވޭ ކަމެއް ކަމުގައި ވިޔަސް، މިކަމުގެ ސަބަބުން އެކުއްޖާއަށް ޖިސްމާނީ ގޮތުން ބޮޑު ގެއްލުމެއްވެސް ލިބިދާނެއެވެ.

ކޮށީގައި އުޅޭއިރު، ކުރިން އަތް ނުލެވޭ، ތުއްތު ކުއްޖާއަށް ނުރައްކާ ވެދާނެ ޒާތުގެ ތަކެއްޗާ ހަމައަށް، ދަރިފުޅަށް ދެވުމަކީވެސް ބެލެނިވެރިން ސަމާލުވާން ޖެހޭ ކަމެކެވެ. ގޭސް އުނދުން، ވަޅި، އަދި ބިއްލޫރި ތަށިތައް ފަދަ ތަކެތި ކައިރިއަށް ގޮސް، އެފަދަ ތަކެތި ހުންނަ ކަބަޑުތަކާ ހަމައަށް ކޮށީގެ އެހީގައި، ތުއްތު ދަރިފުޅަށް ދެވޭނަމަ، މައިންބަފައިން އިތުރަށް ސަމާލުވާން ޖެހެެއެވެ.

މީގެއިތުރުން، ދެން އޮތް ކަމަކީ ކޮއްޓަށް ލުމުގެ ސަބަބުން، ގުދުރަތީ ގޮތުން ހެދިބޮޑުވުމުގައި އަންނަ ފިރުކުން ފަދަ މަރުހަލާތަކަށް ހުރަސް އެޅޭ ކަމަށް، ކަމުގެ މާހިރުން ބުނާ ބުނުމެވެ. ގުދުރަތީ ގޮތުން، ތުއްތު ކުދިން ބޮޑުވަމުން އަންނަނީ ފިރުކި، އަމިއްލައަށް އިށީންދެ އިނދެ، އަދި ބައިންދާފައި އިންނަ ތަނެއްގައި ފުރޮޅުން ފަދަ ކަންކަން ކޮށްގެންނެވެ. މި ހަރަކާތްތަކުގެ ސަބަބުން ތުއްތު ކުއްޖާގެ ގައިގެ މަސްތަކަށް ބާރު ގެނެސްދެއެވެ. އަދި އަވަހަށް ހިނގުމަށްވެސް މަގު ފަހި ކުރުވައެވެ.

މާހިރުން ބުނާ ގޮތުގައި، ތުއްތު ކުއްޖަކު އަވަހަށް ހިނގުމަށް އެންމެ ބޮޑަށް އެހީތެރި ވެދެނީ ”ފްލޯ ޓައިމް“ ނުވަތަ ބިންމައްޗަށް ދޫކޮށްލާފައި ހުންނަ ވަގުތު އިތުރުވުމުންނެވެ. މިކަން ކުރުމަށްޓަކައި ޕްލޭ މެޓެއް ކަހަލަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ”މަމް ޖަންކްޝަން“ ވެބްސައިޓުންނެވެ.