ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ގިނަވެ ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާތީ އެކަން ކޮންޓްރޯލް ކުރުމަށް ކެމްޕޭނެއް ފަށައިފިއެވެ.

Ads by Asuru

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ޑރ. ޕޫނަމް ސިންހެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ޑަބްލިއުއެޗްއޯގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން ފ. އަތޮޅުގައި މިއަހަރު އެސެސްމެންޓެއް ހެދި އެވެ. އެ އެސެސްމެންޓަށް ބަލައި، ”ޑިމޮންސްޓްރޭޝަން ސައިޓް“ގެ ގޮތުގައި ފ. އަތޮޅު ކަނޑައަޅާ ޕްރައިމަރީ ހެލްތްކެއާ އިތުރަށް ދިރުވާއާލާ ކުރުމުގެ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަށް ފ. އަތޮޅު ހަމަޖެއްސީ ކައިރިކައިރީގައި ރަށްތައް ހުރުމުން ގިނަ ބަޔަކަށް ދަތުރުކުރުމުގައި ފަސޭހަވެ، ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުވެފައި ހުރުމުން ކަމަށެވެ.

މިމަޝްރޫއުގެ ސަބަބުން ޕްރައިމަރީ ހެލްތް ކެއާގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރެވި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރެވިގެން ދާނެ ކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.