ޗުއްޓީއަށް އެކި ތަންތަނަށް ފުރައިގެން ދިޔުމުގެ ކުރިން ސަމާލުވާންވީ ކަންކަން ފުލުހުން ހިއްސާ ކޮށްފިއެވެ.

Ads by Asuru

ފުުލުހުންގެ ރަސްމީ ވެބްސައިޓުގައި މިފަދައިން އިލްތިމާސް ކުރިއިރު، މިއަދަކީ ސްކޫލް ކުދިންގެ ދެ ހަފްތާގެ ޗުއްޓީ ފެށޭ ދުވަހެވެ.

ފުލުހުން މިއަދު ބުނީ ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުން މުހިންމު ކަްމަށެވެ.

މިގޮތުން ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަޤީންކޮށް، ގޭ ދޮރުމަތީގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ ފައިވާން ހަރުގައި ހުންނަ ބޫޓު ތެރެއަށް ލާފައި ތަޅުދަނޑި ބޭއްވުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

”ދުވާލަކު އެއްފަހަރު، ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާއި ގެ ތަޅުލާފައިދާނަމަ ގޭގައި އަލިކަން ބަހައްޓާށެވެ. ނުވަތަ ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރާށެވެ. އެއީ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.“ ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ގޭގައި ހުންނަ އަގުބޮޑެތި އުފުލޭ މުދާ ރައްކާތެރިކުރުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ. މިގޮތުން ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އަދި އެހެނިހެން ތަކެތި، ތަޅުލެވޭ ތަނެއްގައި ރައްކާކުރުމަކީވެސް މުދަލުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް، ގޭގައި ގިނަ އަދަދެއްގެ ފައިސާ ނުބެހެއްޓުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ވަނީ ޗުއްޓީއަށް ފުރަން ދިއުމަށް ގެއިން ނުކުތުމުގެ ކުރިން، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުުގެ ފިޔަވަޅު އެޅުމަށްވެސް އެދިފައެވެ. މިގޮތުން ގޭސް ލީކުވާ ގޮތަށް ހުރިނަމަ އެކަން ރަނގަޅުކޮށް، ގޭސްފުޅި ރެގިއުލޭޓަރ ނައްޓައިލުމަށް ނަސޭހަތްތެރި ވެފައިވެއެވެ.

ގޭތެރޭގެ ކަރަންޓުގެ ހާލަތު  ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖައްސައި، ބޭނުންނުކުރާ ހުރިހާ ތަނެއް ކަރަންޓު ސްވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަަށާއި، އޭގެ އިތުރުން، ފެން ލީކުނުވާނޭހެން އިސްކުރުތައް ރަނގަޅަށް ބަންދުކުރަންވެސް ފުލުހުން ވަނީ ހަނދާން ކޮށްދީފައެވެ.

”ތިމާ ދުއްވާ ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ޗުއްޓީއަށް ފުރުމުގެ ކުރިން ކަށަވަރުކުރާށެވެ. އެގޮތުން، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރާށެވެ. ހުންގާނު ލޮކްކޮށް އަދި ޝަޓަރ ވެސް ލޮކްކޮށްލާށެވެ. ތަޅުދަނޑި ޖަހާފައި ނުބަހައްޓާށެވެ. ނުވަތަ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ހަވާލުކުރާށެވެ.“ ފުލުހުން ބުންޏެވެ.