ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެންދާއިރު ވެސް އެމްއެމްޕީއާރްސީ އާއި ވެންޓިލޭޓަރު ހިޔާނާތުގެ ފައިސާ ނުހޯދޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވެންޓިލޭޓަރުގެ ހިޔާނާތަށް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާ އަށް ވީގޮތް ސާފުވާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ދައުރު ނިމެނީ ކަމަށާއި ނަމަވެސް އަދި މިއިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބެލުމަށް މި ސަރުކާރުގެ ފުރަތަމަ ދުވަހު ހާއްސަ ކޮމިޝަނެއް އެކުލަވާލާފައިވެއެވެ. ނަމަވެސް އެ ކޮމިޝަނަށް ކާމިޔާބު މަސައްކަތްތަކެއް ނުކުރެވެއެވެ.