އެމްޑީޕީން، ގެއްލުނު ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ އާއިލާގެ މެމްބަރުން މަގުމައްޗަށް ނެރެ، އެމީހުން ލައްވައި ފޮތިގަނޑު ދެމީ، ވެރިކަން ހޯދުމުގެ ނިޔަތުގައި ކަމަށް ރިލްވާންގެ ބައްޕަ އަބްދުﷲ މޫސާ ބުނެފިއެވެ.
ރިލްވާނަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ޗެނަލް13އަށް ދިން އިންޓަރވިޔުއެއްގައި ރިލްވާންގެ ބައްޕަ ބުނީ، ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރިލްވާނަށް އިންސާފު ހޯދައިދޭން، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވައުދުވިއެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް، ރިލްވާނަށް އިންސާފު ހޯދައިދެވިފައި ނުވާތީ، ސަރުކާރަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށްވެސް އޭނާ ބުންޏެވެ.
”އަޅުގަނޑު ގަބޫލު ކުރަނީ އެއީ އޭނާ ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކެކޭ. އަޅުގަނޑުމެން ލައްވާ ފޮތިގަނޑު ދަމައިގެން ހިނގާ ހެދީ.“ ޢަބްދުﷲ ބުންޏެވެ.
ރިލްވާންގެ ބައްޕަ ބުނީ ރައީސް ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރިލްވާނަށް އިންސާފު ހޯދައިދިނުމަށް، ފޮތިގަނޑު ހިއްޕަވައިގެން ހިންގެވި ހިންގެވުމަކީ ވޯޓު ހޯދުމަށް ޖެއްސެވި މަޅިއެއްކަމަށެވެ.
އަދި މަގާމު ލިބިވަޑައިގަތުމުން ރައީސް ނަޝީދުވެސް ގެއްލުނު ކަމަށާއި، ރައީސް ނަޝީދަށް އޭނާ ފޮނުވި ސިޓީއެއްގެ ޖަވާބު އަދިއަދަށް ދާންދެންވެސް ނުލިބޭކަން ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނީ، ރިލްވާން ގެއްލުނު މައްސަލައާ ގުޅިގެން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މެދުގައި އެއްވެސް ހިތް ބުރަ ކަމެއް ނެތް ކަމަށާއި، ރިލްވާނަށް އިންސާފު ހޯދައިދެވޭނީ އެމަނިކުފާނަށް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އަދި ރައީސް ޔާމީނަށް ދެވަނަ ފަހަރަށް ވެރިކަން ލިބުން އެދޭ ކަމަށާއި، އެކަމަށް މަސައްކަތް ކޮށްދޭން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ.
އެއީ ހ. ހިލްޓަން، އަޙްމަދު އާލިފް ރައޫފް އާއި ސ. ހުޅުދޫ، އަތިރީއާގޭ، މުޙައްމަދު ސުއައިދު އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީނެވެ. އެމީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދިޔައީ އާލިފް އާއި ނޫރައްދީނުގެ އެކަންޏެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.