ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިފިއެވެ.
އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައެޅިއިރު، އަދަބު ކަނޑައެޅުމުގެ މަޖިލިސް 2:00 ގައި ބާއްވާނެކަން އިއުލާންކޮށް ޝަރީއަތުގެ މަޖިލިސް މިވަނީ މެދުކަނޑާލައިފައެވެ. ދައުލަތުން އެދުނީ ރައީސް ޔާމީނަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އެ ދެ ދައުވާ އުފުލާފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތު ކޮށެވެ.