ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ވަަރަށް އަނިޔާވެރި، އަދި އެހާމެ ބޭއިންސާފު ހުުކުމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުމަކީ، ނުހައްގު، ބޭއިންސާފު އަދި އަނިޔާވެރި ހުކުމެއް ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވަނީ، ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށްވެސް ގޮވާލައްވާފައެވެ.
Raees Yameen ah kuri hukumakee nuhaqqu, beyinsaaf, aniyaaveri hukumeh. Raees Yameen vaguthun minivan kurumah govaalan.#FreePresidentYameen #RY2023
— Dr Mohamed Muizzu (@MMuizzu) December 25, 2022
އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާ މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު އިއްޔެ ވަނީ މަގުތަކަށް ނުކުމެ، ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ އަޑު އުފުލާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަަމަށް ނިންމާ، ރައީސް ޔާމީނަށް އިއްވީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ، ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެމަނިކުފާނަށް ވަނީ އަންގާފައެވެ.
ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ، ރައީސް ޔާމީނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހެވެ. ނަމަވެސް ޝަރީއަތުން ވަނީ އެ ކުށުގެ އަދަބު އެއް ދަރަޖަ މަތި ކޮށްފައެވެ.