އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމް ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި، މައްސަލަ ވަަރަށް ފުރިހަމަކަމާއެކުގައި ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އެމަނިކުފާނުގެ ގަނޫނީ ވަކީލުންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަށް ކުރި ދައުވާތަކަކީ އަސާސެއް ނެތް ދައުވާތަކެއްކަން ސާބިތުކޮށް ދިނުމަށް ވަރުގަދަ ހެކިތަކެއް ހުށަހެޅި ކަމަށެވެ.
ކުރިމިނަލް ކޯޓުން ޔާމީނަށް އިއްވި ހުކުމް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، ޖަމީލު ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކުރި ހުކުމެއް ކަމަށް ވިދާޅުވެފައެވެ.
އަދި އެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމީލު ވިދާޅުވި ގޮތުގައި، އިސްތިއުނާފީ ކޯޓުން، މި މައްސަލަ ވަރަށް ފުރިހަމަކަމާއެކުގައި ކާމިޔާބު ކުރެވޭނެއެވެ.
”ހަމަ މިއަދުން ފެށިގެން މި ވަގުތުން ފެށިގެން އެނބުރި ގަންނަނީ ލަސްކުރުމެއް ނެތި ދިވެހިރާއްޖޭގެ އެތަކެއްހާސް ރައްޔިތުން އަޅުގަނޑުމެންނަށް އެނގޭ އެބަ ބޭނުންވާކަން، ރައީސް ޔާމީން އެނބުރި ވަޑައިގެން ގޭގަ ހުންނަވައި ތި ބޭފުޅުންނާ ރައީސް ޔާމީން ހަވާލުކުރައްވާފައިވާ މަތިވެރި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެބޭފުޅާ ގޭގަ ހުންނަވަން. އެހެންވީ އަޅުގަނޑުމެން ވަގުތު ނަގާނުލާނަން، ވީ އެންމެ އަވަހަކަށް ކުރިއަށް އޮތް ގާތްގަނޑަކަށް އަޅުގަނޑުމެން އަތުގައި މި ރިޕޯޓް ޖެހުމާއެކު އެ ރިޕޯޓު އިސްތިއުނާފުގެ މަސައްކަތް ފަށާނަން.“ ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އެމަނިކުފާނު މާފުށީ ޖަލަށް ގެންގޮސްފައިވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ އެމަނިކުފާނު މިނިވަން ކުުރުމަށް ގޮވާލާ އިހްތިޖާޖުވެސް ކުރަން ފަށާފައެވެ.
.