ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.

Ads by Asuru

ޕީޕީއެމުން ބުނީ އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. މިއީ ”ހަރާމް ހުކުމް“ގެ ނަމުގައި އިދިކޮޅުން ކުރާ އިހުތިޖާޖެކެވެ.

ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރުމުން، އިދިކޮޅުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި ކޮންމެެ ރެޔަކު ވެސް މުޒާހަރާތައް ބާއްވަމުންނެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމުމުންނެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް ބަލައިނުގަންނަން ޕީޕީއެމް-ޕީއެންސީން ނިންމާފައިވާ އިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައެވެ.

އަދި އިިސްތިއުނާފް މަރުހަލާ އިން ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ވަކީލުން ވިދާޅުވެއެވެ.