އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް، 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުުކުމާ ދެކޮޅަށް ބަޔާން ނެރުނު ރަށު ކައުންސިލްތަކަށް ޕީޕީއެމްގެ ސެނެޓަރ އަހްމަދު ސިއްދީގު ޝުކުރު އަދާ ކުރައްވައިފިއެވެ.

Ads by Asuru

މިމަހުގެ 25 ވަނަ ދުވަހު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދެ ދައުވާއެއް، އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ. އެއީ ވ.އާރަށް މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި، މަނީ ލޯންޑްރިންގެ ދައުވާއެެވެ.

ސިއްދީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމަން އޮތް ހުކުމް ”ފެލާލުމަށްފަހު“ ސަރުކާރުން ކުރުވި 11 އަހަރު ދުވަހުގެ ހަރާމް ހުކުމާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުގެ އިތުރުން، ހއ.ކެލާ، ގދ.ފަރެސްމާތޮޑާ އަދި ށ.ފޭދޫ ކައުންސިލުންވެސް ބަޔާން ނެރެފައިވެއެވެ.