ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރި ދުވަހު ހުންނެވީ ޗުއްޓީގައި ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު، ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

Ads by Asuru

ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަަޅައި، އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން 11 އަހަރުގެ ޖަލު ހުުކުމެއް އިއްވުމުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ކައިރީގައި މުޒާހަރާކޮށްފައެެވެ.

މި މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން ޑރ.މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިކަމާ ގުޅިގެން އިޔާޒު، މުއިއްޒު ޓެގް ކުރައްވައި ވަނީ މުއިއްޒުއާ މާލޭގެ ރައްޔިތުން ހަވާލުކުރި ޒިންމާއަކީ އެއީތޯ އައްސަވާފައެވެ. އަދި ގެއަށް ވައްދާ ފައިސާ ހަލާލުކުރަންޖެހޭކަމަށް ވެސް އިޔާޒު ވިދާޅުވިއެވެ.

އިޔާޒަށް ރައްދު ދެއްވައި މުއިއްޒުި ވިދާޅުވީ އެ ދުވަހު ހުރީ އަހަރީ ޗުއްޓީގެ އެއް ދުވަސް ޗުއްޓީގެ ގޮތުގައި ނަންގަވައިގެން ކަމަށެވެ.

އަދި ފާސިގުންގެ ހެކިބަހުގެ މައްޗަށް ހުކުމް ކުރުން އިސްލާމްދީނުގައި ހަލާލުތޯ އޮޅުންފިލުވައި ދެއްވުން އެދި،  މީސްތަކުންގެ މެދުގައި ހުކުމް ކުރުމުގައި އަދުލުވެރިވާށޭ ދީނުގައި އޮވޭތޯ ވެސް މުއިއްޒުގެ ޓުވީޓުގައި ސުވާލު ކުރައްވާފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވީ ނުހައްގުން ކަމަށް ބުނެ އިދިކޮޅުން ސިލްސިލާ އެއްވުންތަކެއް ބާއްވަން ފަށާފައިވާއިރު، އިސްތިއުނާފީ ކޯޓުން، އެމަނިކުފާނު މިނިވަންވާނެ ކަމަށް ވަކީލުންގެ ޓީމުން ވިދާޅުވެއެވެ.