އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިނަމަ އެމްޑީޕީ އަށް 20 އިންސައްތަ ވޯޓު ވެސް ނުލިބޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އަންނަ މަހުގެ 28 ވަަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާނެ ބޭފުޅަކީ ރައީސް ނަޝީދެވެ.

”ފިކުރެއްގެ ދިރުން“ މިނަމުގައި ރައީސް ނަޝީދުފެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ނިކުންނެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސޯލިހު ވެވަޑައިގެންފިނަމަ އެމްޑީޕީ އަށް ލިބޭނެ ވޯޓު ވަރަށް ބޮޑަށް މަދުވެދާނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނެ މަގާމެއްގައި ތިބުން ކަމަށާއި އަދި ހެޔޮ ވެރިކަމެއްކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ އެކަން ކުރަން އުނދަގޫ ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

”އަޅުގަނޑަށް ފެންނަ ތަނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވެއްޖެނަމަ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ލިބޭނެ ވޯޓުގެ މިންވަރު ވަރަށް މަދުވާނެ.“ ނަޝީދު ވިދާޅުވިއެވެ.