މާލޭގެ އެކި ސަރަހައްދުތަކުން 110.8 ޓަނުގެ ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by Asuru

މާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލާ ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހު ހަމަވުމާއެކު، ވެމްކޯއިން ވަނީ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ހުއްޓާލާފައެވެ. މިހާރު މި މަސައްކަތާ ހަވާލުވެފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ އިރުއޮއްސި 18:00 އާއި ހަމައަށް، މާލޭގެ އެކި ސަރަހައްދުތަކުން 110.8 ޓަނުގެ ކުނި ނަގާ ސާފުކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމީ އެ އެއްބަސްވުމުގެ ސަބަބުން ކައުންސިލުގެ ޚަރަދު އިތުރުވާނެ ކަމަށާއި ކައުންސިލުން އަމިއްލައަށް ކުރާނަމަ ޚަރަދު ދަށްވާނެ ކަމަށް ބުނެއެވެ.

އެ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު މާލެއާއި ވިލިމާލޭގެ މަގުތަކުގައި ކުނި ކެހުމުގައި ވެމްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ.