ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސައްކަތް ފެށި ބަނދަރުތައް ކަމަށް އޭރުގެ ހައުސިން މިނިސްޓަރު، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި، މި ސަރުކާރުގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާ، މި ދައުރުގައި 47 ބަނދަރުގެ މަސައްކަތް ނިންމާ، 36 ބަނދަރު ހަދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ނިޔާޒުގެ ޓްވީޓަށް ދެއްވި ރައްދުގައި، ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 108 ބަނދަރުގެ މަސައްކަތް ނިންމި ކަމަށެވެ.

”ވެރިކަން ބަދަލުވި އިރު ސައްބީސް ބަނދަރުގެ މަސައްކަތް ހިނގަމުން ދިޔަ. މި ވެރިކަމުގައި ނިންމި ކަމަށް ބުނާ ސާޅީސް ހަތް ބަނދަރުގެ ތެރެއިން ސައްބީސް ބަނދަރަކީ ޔާމީންގެ ވެރިކަމުގައި ފަށާފައިވާ ބަނދަރުތައް.“ މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގިއިރު، ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ފެނާ ނަރުދަމާގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދިޔައެވެ.

ނަމަވެސް އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީން ބުނަމުން ދިޔައީ، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކަކީ ތަރައްގީ ނޫން ކަމަށެެވެ. އަދި އެއީ ކޮންމެ ސަރުކާރަކުންވެސް ކޮށްދޭން ޖެހޭނެ ކަންކަން ކަމުގައެވެ.