ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ޔާމީން އަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށް ލުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އެގާރަ އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.

މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި، މި މަހުގެ ފަހުކޮޅުގައި ބާއްވާ އެމްޑީީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރައްވާ ކެމްޕޭނާ ގުޅޭ މަޢުލޫމާތު ދެއްވުމުގެ ތެރެެއިން އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ޙުކުމެއް އިއްވައި އެމަނިކުފާނު ޖަލުގައި އޮންނެވުމަކީ އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

އެއްވެސް ބައެއްގެ ލީޑަރަށް ދެރަ ގޮތެއްވުމުން އެބަޔަކު ނުރުހޭނެ ކަމަށާއި، އެކަމާ ގުޅޭ އުދާސްތައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އިއްވި ޙުކުމަކީ ޤާނޫނުގައިވާ މާއްދާއެއްގެ ތެރެއިން އުފުލި ދަޢުވާއެއްގެ މައްޗަށް ބިނާކޮށް އިއްވި ޙުކުމަކަށް ވާތީ، އެ ޙުކުމަކީ ސިޔާސީ ޙުކުމެއްކަމުގައި ވިދާޅުވާން ކެރިވަޑައިނުގަންނަވާނެކަމަށެވެ.

”ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ލީޑަރަށް ދެރަ ގޮތެއް ވީމަ ނުރުހޭނެ. އިހްސާސްތައް ހުންނާނެ. އުދާސްތައް ހުންނާނެ. އެއީ އަޅުގަނޑުމެން އެންމެން ވެސް ބަލައިގަންނަންޖެހޭ ކަމެއް. އަދި އެއީކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ބާވަތުގެ ކަމެއް ނޫން،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޤަވައިދާ ޚިލާފަށް އެކަހެރިކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވިއެވެ.