މިހާތަނަށް ރާއްޖޭގެ ޓީވީ ޗެނަލަކުން ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ރާއްޖެ ޓީވީން ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

”ރަން ތާޖު“ ގެ ނަމުގައި ކުރިއަށް އޮތް ރޯދަ މަހު ގެނެސްދޭން ނިންމާފައިވާ މި މުބާރާތް ބާއްވަނީ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެންނެވެ. އެގޮތުން މުބާރާތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ވެސް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހްލޫފެވެ.

”ރަން ތާޖު“ މުބާރާތަކީ 300،000ރ. ގެ މުބާރާތެކެވެ.

މި މުބާރާތަށް ބައިވެރިން ހޯދަން ހަމަޖެހިފައި ވަނީ ރާއްޖޭގެ 10 ސަރަަޙައްދެއްގައި އޮޑިޝަންތައް ބާއްވައިގެންނެވެ. އެގޮތުން 20 ބައިވެރިޔަކު އޮޑިޝަނުން ހޮވާނެ އެވެ. މުބާރާތް ހާއްސަކޮށްފައި ވަނީ އުމުރުން 16-45 އަހަރާ ދެމެދުގެ މީހުންނަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް މިހާރު ވަނީ އެސްއެމްއެސް އަށް ހުޅުވާލައިފަ އެވެ. މެސެޖް ކުރަން ޖެހޭ ގޮތަކީ އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު ޖެހުމަށް ފަހު، 450 އަށް ފޮނުވާނީ އެވެ.

”ރަން ތާޖު“ ގެ އޮޑިޝަން ކުރިއަށް ގެންދާނީ މާލެ، އައްޑޫ، ފުވައްމުލައް، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ. ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، އަދި ހދ ކުޅުދުއްފުށި އަދި މާލޭގަ ވެ. އޮޑިޝަންތައް ކުރިއަށް ގެންދާނީ މި މަހުގެ 15 އިން އަންނަ މަހުގެ 15 އަށެވެ.