ދިވެހި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެ މައްސަލަ އަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ބޮނޑިބަތް ޕާކުގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ގިނަ މެމްބަރުން ސަރުކާރާއި ދުރަށްދާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުން ކަމަށާއި، މި ސަރުކާރަށް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބިން ބޮޑު ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދިފައި ނުވާ ކަމަށެވެ.

Ads by Asuru

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުކޮށް ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭނެ ކަމަކީ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން އެ މަސައްކަތުގައި އަވަދިިނެތި އުޅޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

”އަޅުގަނޑު ދަންނަވާނީ ކުރިމަތިލާފައި މިފަހަރު ވެސް މިހުރީ ފްލެޓް ދޮންބެއޭ. އަޅުގަނޑަށް ކުރަން އިނގޭ، އަޅުގަނޑުމެންނަށް މި މަސައްކަތް ހިންގޭނެ، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އެ އިމާރާތްތައް ކުރެވި، އަދި ބިން ކަނޑާފައި ވެސް ދެވި، ޖާގަ ރައްޔިތުންނަށް ދެވެން ޖެހޭނެ،“ ރައީސް ނަޝިދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ރައީސް ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތަފްސީލު ދެއްވާފަ އެވެ.