އަންނަ ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ”ޗާލު މިސްކިތް“ ފަންޑަށް މިހާތަނަށް 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ.

Ads by Asuru
”ޗާލު މިސްކިތް“ ފަންޑުގެ ދެ ދުވަސް ނިމިގެން ދިޔައިރު މުޅިއކު 744،713.90 ރުފިޔާ ވަނީ ލިބިފަިވާއިރު މި ހަރަކާތުގެ ފުރަތަމަ ދުވަސް ނިމުނުއިރު 313،397.90 ރުފިޔާ ލިބިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މިސްކިތްތައް މަރާމާތު ކުރަން ފަނޑު ހޯދުމަށް ޓެލެތޯންއެއްފެށުމަށް މާލޭ ސިޓީކައުންސިލުން ނިންމީ މިސްކިތްތައް ކައުންސިލާ އާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވުމުންކަމަށާއި ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭތީ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

މިސްކިތު ފަންޑުގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ.

އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 30 މިސްކިތެއް ބަލަހައްޓަމުން ގެންދެއެެވެ.