އެކި އެކި މުނާސަބަތުތަކާ ގުޅުވައިގެން ކޭކު އެޅުމަކީ އަޅުގަނޑުމެން ދިވެހީންގެ ތެރޭގައިވެސް، މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ކަމެކެވެ. އުފާ ފާޅު ކުރުމަށް ބާއްވާ އާއިލީ ހަފްލާއެއްވެސް ކޭކާ ނުލާ ފަޅު ކަމަށް ގަބޫލު ކުރާ މީހުން ވަރަށް ގިނައެވެ.

Ads by Asuru

2015 ވަނަ އަހަރުގައި ހަދީޖާ ނާޒިޔާ(ނާދު) އެންމެ ފުރަތަމަ ކޭކު އަޅައިދޭން ފެށީ، މިފަދަ އުފާވެރި ދުވަސްތައް ފާހަގަކުރުމަށް، ހަމައެކަނި އޭނާގެ އާއިލާއާ ގާތް އެކުވެރިންނަށްޓަކައެވެ. އޭރު އެއީ ފޫހިފިލުވާލަން ކުރި ކަމެއް ކަމަށް ނާދު ބުނެެެއެވެ.

ކޭކު އަޅަން ދަސްކުރަން ހެދި ބޭސިކް ކޯހުން މާބޮޑު އެއްޗެއް ނޭނގުމުން، ނާދު މި ފަންނެއް ދަސްކުރީ ޔޫޓިއުބުން ޓިއުޓޯރިއަލްތައް ބަލައިގެން އަމިއްލައަށެވެ. ކޭކު އެޅުމަށް ލޯބި ކުރިޔަސް، ވަޒީފާ އަދާކުރަމުން، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނުދެވުނުއިރު، ނާދުއަށް މިކަމަށް ހުސްވެވުނީ، ކޮވިޑް-19ގެ ޕެންޑެމިކް ތެރޭގައި ގޭގައި އިންނަން ޖެހުމުންނެވެ. އެދުވަސްވަރު ގޭގައި ތިބެގެން ތަފާތު އެކި މަސައްކަތްތައް ކުރަމުން ދިޔަ މީހުންގެ ލިސްޓަށް ނާދުވެސް އަރައި، ގޭގައި ކޭކު އަޅަން ފެށިއެވެ.

 

ނާދު. އޭނާގެ ކަސްޓަމަރަކަށް އަޅާފައިވާ ކޭކެއް–

 

މިކަމެއްގައި އުޅެނިކޮށް އަދާ ކުރަމުން ދިޔަ ވަޒީފާ ގެއްލިގެން ދިޔުންވީ ކޭކުން ނަފާ ހޯދަން ފަށަން ނާދުއަށް ލިބުނު އެންމެ ބޮޑު އެއް ހިތްވަރަށެވެ. ނާދު ބުނި ގޮތުގައި، އޭނާގެ އާމްދަނީ މުޅިންހެން ބަރޯސާވެފައި ވަނީ ކޭކު އެޅުމުގެ ވިޔަފާރިއަށެވެ.

 

ނާދު އަޅާފައިވާ ކޭކެއް–

 

އިންސްޓެގްރާމްގައި ”ސްޕްރިންކްލް އެންޑް ސްޕާކްލް.އެމްވީ“އިން އެ ފެންނަނީ މުޅިންވެސް ނާދުގެ ހުނަރެވެ. އޭނާގެ ދެ އަތުން ފަރުމާކޮށްފައިވާ، ރީތި އެހާމެ މީރު ކޭކުތަކެވެ. މިހެން ބުނަނީ ނާދުގެ ކަސްޓަމަރުންނެވެ. އިންސްޓެގްރާމް ޕޭޖުގެ ”ރިވިއުސް“ ބަލާލުމުން ކަސްޓަމަރުންގެ ލޯބި، ނާދުގެ ކޭކުތަކަށް ލިބިފައި އޮތް މިންވަރު ހާމަވެއެވެ.

 

ނާދު އަޅާފައިވާ ކަޕް ކޭކުތަކެއް–

”އެންމެ ބޮޑަށް ލުކްފޯވަޑް ކުރެވެނީ ކަސްޓަމަރުންގެ ހިޔާލަށް. ހިޔާލަކީ ކުރާ މަސައްކަތް ރަނގަޅު ކުރަން އެހީވެދޭ އެއްޗެއް. އަޅުގަނޑަށް އޯޑަރުދޭ ކިޮންމެ ކަސްޓަމަރަކަށްވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެންމެ އުފާވަނީ އެއް ކަސްޓަމަރަކު ތަކުރާރުކޮށް އަޅުގަނޑުގެ ކޭކަށް އޯޑަރު ދިނީމަ.“ ނާދު ބުންޏެވެ.

ނާދު ބުނީ އޭނާއަށް މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާގެ ފަރާތުން ކަމަށެވެ. އަދި އާއިލާއާ ރައްޓެެހިން ވާ އެހީ ފާހަގަކޮށް، އެ ފަރާތްތަކަށްވެސް ޝިުކުރު އަދާ ކުރިއެވެ.

ނާދުގެ ކޭކުތަކަށް އޮތް ޑިމާންޑް ބޮޑެވެ. މާލެއާއި ހުޅުމާލެއާއި ބޯޓުތަކާ ފެރީތަކުގެ އިތުރުން، ރިސޯޓްތަކުންވެސް، ސްޕްރިންކްލް އެންޑް ސްޕާކްލް.އެމްވީގެ ކޭކުތަކަށް އޯޑަރު ލިބެއެވެ.

އަސުރަށް ނާދު ބުނީ، އޭނާގެ ހުވަފެނަކީ ކޭކު ވިޔަފާރި އިތުރަށް ފުޅާކޮށް، ފިހާރައެއް ހުޅުވުން ކަމަށެވެ. އަސުރުން އެދެނީ ނާދުއަށް ފުރިހަމަ ކާމިޔާބީ ލިބުމެވެ.