Ads by Asuru

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަސް ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 85 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ވިލިމާލޭގެ ރައްޔިތުން ބޭނުންވާގޮތަށް. ކައުންސިލުން ހިންގާ ޚިދުމަތެއްގޮތުގައި މިކަންކުރަން ވިލިމާލެ ރައްޔިތުން ބޭނުންވީވެސް

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައި ރަސްމީ ސިޓީއަކުން މާލެ ސިޓީ ކައުންސިލަށް އެ ހުއްދަވެސް ދެއްވާފައެވެ.

މިކަން ކައުންސިލުން މިކުރަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ލިޔުމުން ދެއްވި ހުއްދައާއިވެސް އެކީގަ

މޭޔަރު ވިދާޅުވީ ކައުންސިލުން މި ޚިދުމަތް ދޭން ނިންމީ އޮންނަ ނިޒާމްގެ ތެރެއިން ސަރުކާރާއި ގުޅިގެންކަމަށެވެ. އަދި ފެނިގެން މިދިޔައީ މި ޚިދުމަތް ތަންފީޒު ކުރުމުގެ ފަހު މަރުޙަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމިތަން ކަމަށާއި މިއީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން ކަމުގައި މޭޔަރު ސިފަކުރެއްވިއެވެ.

ފެނިގެން މިދިޔައީ މި ޚިދުމަތް ތަންފީޒު ކުރުމުގެ ފަހު މަރުޙަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމިތަން. މިއީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން. އެއް ކަމަކަށް ޑަބަލްކޮށް ރައްޔިތުންގެ ފައިސާ ޚަރަދުކުރުމަކީ ދެކޮޅުޖެހޭ ކަމެއްނޫން

ލާމަރުކަޒީ ޤާނޫނުގެ ބޭރުން ސަރުކާރުން ކަންކުރާނަމަ އެ ޤާނޫނުގެ ބޭނުމެއް ނޯންނާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މި ކަންބޮޑުވުންތައް މޭޔަރު ވަނީ ޓްވިޓަރ ގައިވެސް ހިއްސާ ކުރައްވާފައެވެ.

މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރާއި އިތުރު ކައުންސިލަރުންވެސް ވަނީ މި ކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމާއި ދެކޮޅަށް އަޑު އުފުލާފައެވެ.