އައިސްކްރީމަކީ ދިވެހީންގެ އުފެއްދުމެއް ކަމުގައި ނުވިޔަސް، މިއީ ދިވެހީންގެ ތެރެއިން އެތައް ބަޔަކަށް މީރު އެއްޗެކެވެ. ކުދި ބޮޑު އެންމެންވެސް ލޯބި ކުރާ ކެއުމެވެ. ބޭރުގެ އެކި ހިސާބުތަކުން ދިވެހީންނަށްވެސް އެކި ފާޑު ފާޑުގެ އައިސްކްރީމް ތައާރަފުވެ، މި ކެއުމަށް ފޯރި ހުންނަ ދިވެހީން ނުހަނު ގިނައެވެ.

Ads by Asuru

ދިވެހީންނަށް ހާއްސަ ރަހައެއްގެ އައިސްކްރީމެއް ރަހަ ބަލައިލަން ލިބިދާނެ ކަމަށް ދުވަހަކުވެސް ހިތަށް އެރި ހެއްޔެވެ؟ އަދި އެވެސް ދިވެއްސެއްގެ އުފެއްދުމެކަށް ވެދާނެއޭ ހީވިހެއްޔެވެ؟  ފޭސްބުކް އަދި އިންސްޓެގްރާމުން ފެންނަ ”ސްކޫޕިލިޝަސް“އިން މުޑިކާއްޓާއި، ކަށިކޭލާއި، ކުރުނބަލުން ތައްޔާރުކޮށްފައިވާ ރަަހަ މީރު އައިސްކްރީމް ލިބެން އެބަހުއްޓެވެ. ކުޅުދިޔާ ވާފަދަ ގޮތަކަށް ހުންނަ މި އައިސްކްރީމް ފްލޭވަރތައް މިހާރު ދަނީ އެތައް ބައެއްގެ ހިތްތައް ފަހަތަ ކުރަމުންނެވެ.

ސްކޫޕިލިޝަސްގެ ބާނީ އައިމިނަތު މުޝްރިފާ(މުޝް) އަކީ، މި އައިސްކްރީމްތައް ވުޖޫދަށް ގެންނަ ފަހުރުވެރި ދިވެއްސެކެވެ. މުޝް އަސުރަށް ބުނީ، މިކަން ފަށަން ހިޔާލު އައީ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި އެއްފަހަރާ، ރަށުން ބައިވަރު ދޮން އަނބުތަކެއް ލިބިގެން ކަމަށެވެ. އެހާ ގިނަ އަނބު ލިބުމުން، ބޭނުން ކުރެވެނީސް ހަލާކުވެދާނެކަން އެނގޭތީ، އޭގެ އޮށްތަކާއެކު އެއްބައި ގަނޑު ކުރަން ނިންމި ހިސާބުން ކަމަށެވެ. އަބަދުވެސް ތަފާތު ކާއެއްޗެހި ތައްޔާރު ކުރާ ގޮތް އިންޓަރނެޓުން ބަލާ ހޯދަމުން އަންނަ މުޝް ދެން ހިތަށް އެރީ އެއިން އައިސްކްރީމް ހަދާށެވެ.

 

ސްކޫޕިލިޝަސްގެ ބާނީ، އައިމިނަތު މުޝްރިފާ—

 

އައިސްކްރީމްގަ ހުންނަ ޓެކްސްޗަރ ގެންނާނެ ގޮތާއި، އެ ހަދާނެ ގޮތް ދަސްކުރީ ރިސާޗުތައްކޮށް، އެކި ޓިއުޓޯރިއަލްތައް ބަލައިގެންނެވެ. މީކީ އެއްފަހަރުން ކާމިޔާބުވި ކަމެއް ނޫން ކަމަށްވެސް މުޝް ބުނެއެވެ.

”އަނބުން ހެދި އައިސްކްރީމް ގޭ މީހުންނަށް މީރޭ ބުނީމަ، ދެން ހިތަށް އެރީ، މި ހެދިދާނެެއޭ، އެހެން ގޮތްގޮތަށްވެސް.“

މުޝް ބުނީ ދިވެހި އަނބުގައި އައިސްކްރީމް ހެދުމުން ދެނީ މުޅިން ތަފާތު ރަަހައަކަށްވުމުން، މިފަދަ މަސައްކަތެއް ރާއްޖޭގައި އެހެން ބަޔަކު ކުރާކަން ނޭނގޭތީ، މިކަމަށް އިތުރަށް ހިތް ޖެހުނު ކަމަށެވެ. މުޑިކާއްޓާ ކަށިކެޔޮ ފަދަ ދިވެހި ރަހަތަކުން އައިސްކްރީމް ހަދަން ހިޔާލު އައި ހިސާބަކީ އެއީއެވެ.

މުޝް ބުނި ގޮތުގައި، މުޑިކާށިން އައިސްކްރީމް ހެދުމުގެ ފުރަތަމަ ތަޖުރިބާ އެހާ ފޮންޏެއް ނޫނެވެ. އޭގައި އެންމެ ފުރަތަަމަ ތެޔޮ ރަހައެއް ފާޑުގެ ރަަހައެއް ހުއްޓެވެ. އެހެންނަމަވެސް ހިތްވަރު އެލުވައިނުލައި، އެކި ދުވަސްމަތިން ”އެސްކްޕެެރިމެންޓް“ކުރަމުންދިޔުމުގެ ނަތީޖާއަކަށްވީ، ވަރަށް މީރުކޮށް މުޑިކާށި އައިސްކްރީމް ހެދޭގޮތްވުމެވެ.

 

ސްކޫޕިލިޝަސްގެ އިންސްޓެގްރާމް ޕޭޖުގެ ސްކްެރީންޝޮޓެއް–

”އަޅުގަނޑު ވިޔަފާރިއެއް ގޮތަށް މިކަން ކުރަން ނިންމީ، ދެން ހިތަށް އެރީ މިއީ ވަރަށް ތަފާތު ކަމަކަށް ވާނެއޭ. އެހެން ބަޔަކު ނުކުރާތީ. ދިވެހިންނާ ރައްޓެހި ރަހަތަކުގެ އައިސްކްރީމް، ބޭރުންވެސް ނުލިބޭނެތާ.“

މުޝް ބުނީ އަލަނާސި، އަތަ، އަދި އެނޫންވެސް އެކި ފްލޭވަރތަކުގެ އައިސްކްރީމް ސްކޫޕިލިޝަސްއިން ހަދާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ކުއްޅަވަށް އައިސްކްރީމްވެސް ތައާރަފު ކުރަން ނިންމާ ކަމަށެވެ.

މި އައިސްކްރީމްތަކަށް ކަސްޓަމަރުންގެ ލޯބި ބަންޑުންވަނީއެވެ. ސްކޫޕިލިޝަސްގެ އިންސްޓެގްރާމް ޕޭޖުން ކަސްޓަމަރުން ދީފައިވާ ފީޑްބެކްތައް އެހުރީ ފެންނާށެވެ. މުޝް ހަދާ އައިސްކްރީމަށް ޑިމާންޑް ބޮޑުވެ، އެހެން ރަށްރަށަށްވެސް ފޮނުވާފައިވެއެވެ. އެގޮތުން ޅ.ނައިފަރު، ކ.މާފުށި އައި ކާށިދޫއަށްވެސް ފޮނުވާފައިވެއެވެ. މުޝް ބުނީ އުއްމީދަކީ އައިސްކްރީމް ވިއްކާ އައުޓްލެޓެއް ހުޅުވައި، ސްކޫޕިލިޝަސްގެ މީރު ރަހަތައް އެންމެންގެ އަރުގައި ލެއްވުން ކަމަށެވެ. އަސުރުން އެދެނީ މުޝްގެ މި މަސައްކަތް ކާމިޔާބު ވުމެވެ.

ސްކޫޕިލިޝަސްގެ އައިސްކްރީމްތަކަށް ޕްރީ އޯޑަރވެސް ކުރެވެއެވެ. އަދި ވަގުތުން ގަނެވޭ ގޮތަށް ބައެއް ފްލޭވަރތައް ތައްޔާރުކޮށްފައިވެސް ހުރެއެވެ. މި އައިސްކްރީމް އަޖުމަ ބަލާލުމަށް ސްކޫޕިލިޝަސްގެ އެފްބީ ޕޭޖު ނުވަތަ އިންސްޓެގްރާމް ޕޭޖަށް މެސެޖު ކޮށްލާށެވެ. މާލޭގެ ސަރަހައްދުތަކަށް ޑެލިވަރ ކޮށްދެއެެވެ.