އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން އޮފީހުން ތުހުމަތުކޮށްފިއެވެ.

Ads by Asuru

ރައީސް ނަޝީދު ކެމްޕެއިން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގައި ނުރަނގަޅުކޮށް ކަންތައްތައް ކުރާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އެގޮތުން ދެ ފަހަރު ވޯޓުލެވޭނެ އިންތިޒާމު، ރައީީސް ސޯލިހުގެ ޓީމުން ހަމަޖައްސަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި މިކަން ކުރުމަށް ބޮޑަށް ރާވާފައިވަނީ މާލެއާ ކައިރި އަތޮޅުތަކުގައި ކަމަށް ހަސަން ވިދާޅުވިއެވެ.

އަދި ރޭ ރައީސް ސޯލިހުގެ ޓީމުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާ އަށް ގިނަ އަދަދަކަށް މީހުން މާލެއިން ގެންދިޔަ ކަމަށާއި އޭގެތެރެއިން ބައެއް ފަރާތްތައް މާލެ އައިސްފައިވާއިރު ބައެއް ފަރާތްތަކުން މާދަމާ ވޯޓުލުމަށްފަހު އެނބުރި މާލެ އަންނަން މަޑުކޮށްގެން އެބަތިބި ކަމަށް ހަސަން ވިދާޅުވިއެވެ.

”ފުރުސަތު އެބަ ލިބޭ އައްޑޫގައި އެ މީހަކު ނިސްބަތްވާ ފޮށްޓައް ވޯޓުލުމަށްފަހު މާލެ އައިސް މާލޭގައި ހުރި ފޮށްޓައް ވޯޓުލުމުގެ ފުރުސަތު އެބަލިބޭ ވަގުތު އެބަލިބޭ.“ ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ފޯރިއާއެކުގައި މިއަދު ވަނީ ނިންމާލާފައެވެ.