އިސްލާމް ދީނާ ދެކޮޅު އެކްޓިވިސްޓަކު ކޯޕަންހޭގަން މިސްކިތެއްގެ ކައިރީގައި އަދި ޑެންމާކުގައި ހުންނަ ތުރުކީ އެމްބަސީގެ ބޭރުގައި ކީރިތި ޤުރުއާނުގެ މުސްހަފުތަކެއް އަންދައިލައިފިއެވެ.

Ads by Asuru

ޑެންމާކާއި ސްވިޑެންގެ ރަށްވެހިކަން ވެސް އޮންނަ ހަރުކަށި ފިކުރުގެ އެކްޓިވިސްޓެއް ކަމަށްވާ ރަސްމުސް ޕަލޫދާން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ސްވިޑަންގައި ޤުރުއާން އަންދާލުމުގެ މުޒާހަރާއެއް ބާއްވައި ތުރުކީގެ ސަރުކާރު ރުޅިއަރުވައިލައިފައެވެ. އޭނާގެ މި ޢަމަލުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނެއްވެސް ނުރުހުން ފާޅުކުރިއެވެ.

ހުކުރު ދުވަހު އޭނާ ވަނީ މިސްކިތެއްގެ އިތުރުން ކޯޕަންހޭގަންގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ވެސް ކީރިތި ޤުރުއާން އަންދައިފައެވެ. އޭނާ ބުނެފައިވަނީ ސްވިޑަން ނޭޓޯއަށް ވަންނަންދެން ކޮންމެ ހުކުރު ދުވަހަކު ވެސް ކީރިތި ޤުރުއާންގެ މުސްހަފްތައް އަންދަމުންދާނެ ކަމަށެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ސްވިޑަން އާއި އަވަށްޓެރި ފިންލޭންޑުން ނޭޓޯގެ އިއްތިހާދާ ގުޅެން މަސައްކަތް ކުރަމުންދާއިރު، މިކަމަށް ނޭޓޯގެ ހުރިހާ ގައުމެއްގެ ރުހުން ބޭނުންވާނެއެވެ. ނަމަވެސް ތުރުކީން ވަނީ ސްވިޑެންގެ ބިޑަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

އޭގެ ކުރިން ވެސް އަންކާރާ އިން ފިންލޭންޑާ ސްވިޑެންއަށް ބާރު އަޅަމުން ދިޔައީ ކުރުދީ ހަތިޔާރު އެޅި ޖަމާއަތްތަކާއި އެކްޓިވިސްޓުންނާއި އެ ޖަމާއަތުން ”ޓެރަރިސްޓުން“ ކަމަށް ދެކޭ އެހެން ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.