މާލޭގައި ޕާކިން އިމާރާތްތައް އެޅުމަށް އޮތް ހުރަހަކީ ސަރުކާރުން މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން ޕާކުކޮށްފައި އޮތުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާޠިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ކައުންސިލްގެ 86 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާޠިހު ވިދާޅުވީ ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާފައިވުމުގެ ސަބަބުން ކައުންސިލުން މާލެ ސިޓީއަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލުން މާލެއަށް ގެންނަން އެދޭ ބަދަލާއި، ރައްޔިތުންގާތު ހައްލު ކޮށްދޭން ބުނި ކަންކަން ހައްލުކޮށްދިނުމުގެ ފުރުސަތެއް ނެތް ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ ޕާކިންއެއް ނަގާއިރު ރައްޔިތުންނަށް އިތުރުގޮތެއް ދައްކައިދޭން ޖެހޭކަމަށާއި، ސްޓިކާ ޖަހަންޖެހޭ ހާލަތުގައި އެކަން ވެސް ކުރަންޖެހުނު ނަމަވެސް ސްޓިކާ ޖަހަންވާނީ މީހުންނަށް ޕާކުކުރެވޭނެ ބިލްޑިންގް ތަކެއް ހުންނަ ގޮތަށް ކަމަށެވެ.

އަދި މި ހައްލު ރައްޔިތުންނަށް ގެނެސްނުދީ ހިފަހައްޓަނީ ކޮންބޭނުމަކު ކަމެއް ނޭނގެކަމަށާއި، މިއީ ދައުލަތުގެ ބަޖެޓަށް ބުރަވެ، ދަޢުލަތުން ތަކުލީފެއް އުފުލަން ޖެހޭ ކަމެއްނޫން ކަމާއި، މިއަދުވެސް މި މަސައްކަތްކޮށް ހައްލުހޯދެން އޮތީ ޕްލޭން ފާސްކޮށްދީގެން ކަމަށް ސައިފް ވަނީ ވިދާޅުވެފައެވެ.

މިއާއެކު ސައިފް ވިދާޅުވީ ސަރުކާރުން މި ހުރިހާ ކަމެއް ހިފަހައްޓާފައި ވަނީ މާލޭ ސިޓީ ކައުންސިލްގައި ސަރުކާރާއި އިދިކޮޅު މެޖޯރިޓީއެއް އޮތުމުން ކަމަށާއި، އަދި ކައުންސިލަށް ހޮވިފައި ތިބި ގިނަ އެމްޑީޕީ ކައުންސިލަރުންނަކީ މިސަރުކާރުން މާލެއަށް އަޅާނުލާ ނުލުމުގެ ވާހަކަ ދައްކާ ބަޔަކަށްވާތީ ޖެއްސުމަށް ކުރާ ކަމެއްގެ ގޮތުގައި ސައިފް ސިފަކުރެއްވިއެވެ.

އަދި މާލެ ސިޓީ ކައުންސިލްގެ ލޭންޑްޔޫސް ޕްލޭން މިއޮތީ ވަކި މުއްދަތެއްނެތި ޕާކުކުރެވިފައި ކަމަށް ސައިފް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް މިފެނުނީ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ކައުންސިލުން ގޯތިދޭން އިޢުލާނުކުރެއްވިތަން. އެއްވެސް ހަމައެއް ލަމައެއްނެތި ކުރެއްވި އިޢުލާނެއް. އެބޭފުޅުން ނުޖެހޭ ލޭންޑްޔޫސް ޕްލޭނެއްވެސް ހައްދަވާކަށް ފާސްކުރައްވާކަށްވެސް. އަޅުގަނޑަށް އެނގިގެން އައްޑޫގެ ލޭންޑް ޔޫސް ޕްލޭންއޮތީ ފާސްވެފައެއްނޫން. ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ކަންތައް މިއޮންނަނީ އިންތިޚާބާއި ޖެހުނީމަ،“ ސައިފު ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭނެއް ހަދާ އެ ޕްލޭން ފާސްކޮށްދިނުމަށް ސަރުކާރަށް ހުށަހެޅީ އެތައް ވަގުތެއް އެކަމުގައި ހޭދަކޮށް ބޮޑު ޕްރޮސެސްއެއް ތެރެއިން މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށާއި، އެހެންނަމަވެސް އެކަންވާގޮތެއްނުވި ކަމަށެވެ. އަދި މި ޕްލޭން ފާސްކޮށްނުދީ ހިފަހައްޓާ ހިފެހެއްޓުން ކުށްވެރިކުރާ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.