ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ހާމަ ކުރައްވައިފިއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ވަކީލުން އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބޮޑެތި ގޯސްތަކެއް ހުރިކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އާދަމް ޝަމީމް ވިދާޅުވީ އިސްތިއުނާފު ކުރެވޭނެ ވަކި ތާރީޚެއް ދަންނަވަން ދަތި ކަމަށާއި އެއީ ދިރާސާ ކުރަންޖެހޭ ލިޔުންތައް ގިނަ ކަމުން އެކަމަށް އެކަށޭނެ ގިނަ ވަގުތަކެއް ނަގާނެތީ ކަމަށެވެ.
”ވަރަށް ދަތި، މިވެނި ދުވަހަކޭ ދަންނަވަން. ވަރަށް ބުރަ ބޮޑު މަސައްކަތެއް މިކުރަނީ. ނަމަވެސް ކުރިއަށް އޮތް ދެހަފްތާ އެއްހާ ދުވަހު އިސްތިއުނާފް ކުރާނަން،“ އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މި މައްސަލައިގެ އިސްތިއުނާފު ކާމިޔާބު ކުރެވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. މި މައްސަލަ ދައުލަތަށް ސާބިތު ކޮށްދެވިފައި ވނުވާ ކަމަށާއި ހައިކޯޓުން މައްސަލަ ކާމިޔާބުވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.