ޢުމްރާ އަށް ރާއްޖޭން މީހުން ގެންދާ ގްރޫޕްތަކާ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

އެ ބައްދަލުވުމުގައި ޢުމްރާއަށްދާ މީހުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ދަތިތައް އަދި ދިމާވެފައިވާ ކަންކަމުގެ ތެރެއިން މިނިސްޓްރީއާ ޙިއްސާކޮށްފައިވާ ކަންކަމަށް ބަލައި، އެއީ އެ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް މަސައްކަތްކޮށް ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ވީހާ ވެސް ބޮޑަށް އަޅާލުމާއި، ކެއިން ބުއިމާއި ބޭސްފަރުވާގެ ކަންކަމުގައި ވެސް ފަރުވާތެރިވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ޢުމްރާއަށް މީހުން ގެންދާ ފަރާތްތަކުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެއްވުން ފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

ބައްދަލުވުމުގައި ޢުމްރާ ގްރޫޕްތަކުން އެ މީހުންނަށް ދިމާވާ އުނދަގޫތަކާއި ކަންބޮޑުވުންތަކާއި،ދަތިތައް މިނިސްޓަރާ ޙިއްސާކޮށްފައެވެ.

އެގޮތުން ގްރޫޕްތަކުން ފާހަގަކުރި ކަންކަން ޙައްލުކޮށް ދެއްވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.