ސިޔާސީ ޕާޓީތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ދިވެހި ނެޝަނަލް އެކްޝަން(ޑީއެންއޭ)ގެ ނަމުގައި އުމަރު ސިޔާސީ ހަރަކާތެއް އުފައްދަވާއިރު، އަނެއްކާވެސް ސިޔާސީ ޕާޓީއެއް އުފައްދަަވަން ބޭނުން ނުވާ ސަބަބާ ގުޅޭގޮތުން ދިވެހި ޗެނަލްގެ ”ހަވާސާ“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީތަކުން ދިވެހިންނަށް ވަރަށް ލަނޑު ދީފި ކަމަށެވެ.

”މިއަދު ސިޔާސީ ޕާޓީތައް މުޅިން ހަރާބު ވެއްޖެ. ސިޔާސީ ޕާޓީތަކާމެދުގައި ރައްޔިތުންގެ އުއްމީދު ގެއްލިއްޖެ. މި ޕާޓީތައް އައިސް މީހުންނަށް ލަނޑު ދީފި. ސިޔާސީ ޕާޓީތައް އައިސް ތިޖޫރީ ގެންގޮއްސި. ސިޔާސީ ޕާޓީތައް އައިސް ދައުލަތުގެ އެސެޓްތައް ވިއްކާލައިފި.“ އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ އެއްޗެއް ނޫން ކަމަށާއި، އެއީ ވަކި ވަކި ސިޔާސީ ފަރުދުންގެ އެއްޗެއް ކަމަށެވެ.

އެގޮތުން ޕީޕީއެމް އަކީ ރައީސް ޔާމީންގެ ޕާޓީއެއް ކަމަށާއި، އެމްޑީޕީ އަކީ ރައީސް ނަޝީދުގެ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި، އޭނާ މިހާރު ހުންނެވީ އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާ ގޮތަކަށް ނޫނެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ ރޭހަށް، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރެއްވިއެވެ.

”މިއަދު އަޅުގަނޑުގެ ސިޔާސީ ހަޔާތް އައިއްސި، މީހުން ފޮލޯ ނުކޮށް، އަޅުގަނޑު ލީޑް ކުރާ ހިސާބަށް. އެހެންވީމަ އެކަން ހާސިލު ކުރަން މިހާރު މިދަނީ.“ އުމަރު ވިދާޅުވިއެވެ.