ސީރިއާ އަދި ތުރުކީއަށް އައި ބިންހެލުންތަކާ ގުޅިގެން، އެ ދެ ގައުމުން މަރުވި މީހުންގެ އަަދަދު 12،000އިން މައްޗަށް އަރާފައިވާ ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެއެވެ.

Ads by Asuru

މަތީގައިވާ ތަސްވީރުން އެ ފެންނަނީ ސީރިއާގެ އުތުރުގެ ސަރަހައްދަކުން، ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތެއްގެ ދަށުން ސަލާމަތް ކުރި ތުއްތު އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުނުއިރު އޮތީ، ފޫޅާވެސް އެކުގައި، މަންމައާ ވަކިވެސް ނުވެއެވެ. މި ކުއްޖާގެ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ހަތަރު ކުދިންގެ އިތުރުން ބޮޑު ދައިތައެއްވެސް، މި ބިންހެލުމާ ގުޅިގެން މި ދުނިޔެ ދޫކުރިއިރު، ސަލާމަތް ވެފައިވަނީ، މި އަންހެން ކުއްޖާ އެކަންޏެވެ.

އިމާރާތުގެ ދަށުން އެ ކުއްޖާގެ ރުއިމުގެ އަޑުއިވިގެން، ކުއްޖާ ސަލާމަތްކޮށް އަވަހަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުގައި އޮވެ، އެ ކުއްޖާ އެތައް ފަހަރަކު ފިޓް ޖެހުނު ކަމަށާއި، ބުރަކައްޓާ ބޮލަށް އެކި ވަރުގެ އަނިޔާވެސް ލިބިފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރުން ބުނެއެވެ.

މި ބިންހެލުމާ ގުޅިގެން މިފަދަ ހިތާމަވެރި އެތައް ވާހަކައެއް ދަނީ ފެންމަތިވަމުންނެވެ.