މި ސަރުކާރުން އަމީނީ މަަގު ހަނިވާނެ ގޮތަށް، އެ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީ، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by Asuru

މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންތިހާއަށް ލަސްކޮށް އެހާ އަގު ބޮޑުކޮށް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އަމީނީ މަގު 39 މިލިއަން ރުފިޔާއަށް ހެދެން އޮތްއިރު، މިހާރު ހަދަމުންދަނީ 84 މިލިއަން ރުފިޔާ އަށެވެ. މަގު ހަނިވާނެ ގޮތަށް ތަރައްޤީ ކުރާތީވެސް، މޭޔަރުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

”މަގުގެ ފުޅާމިނުން ދެ ފޫޓް ދެ އިންޗި ހަނިކޮށް ހަދާ ހެދުމަށް އަދިވެސް އެއްވެސް ބަދަލެއް ނެގުމަކީ ޕަބްލިކް ޓްރާންސްޕޯޓް ބަސްތައް އަދި ޓޫވޭ ޓްރެފިކް ކުރިމަތިވާ ދާއިމީ ދަތިކަމެއް،“ މުއިއްޒު ވިދާޅުވެފައިވެއެވެ.

އަމީނީ މަގު ހަދަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ މިދިޔަ އޮކްޓޫބަރު ހަތަރުވަނަ ދުވަހުވެސް މުއިއްޒު ޓްވީޓްކުރައްވާފައިވެއެވެ. މުއިއްޒު އިއްޔެ ޓްވީޓް ކުރެއްވީ، އެ ޓްވީޓުވެސް ހިއްސާ ކުރައްވަމުންނެވެ.

މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި އަމީނީ މަގުގައި އުޅަނދުތައް ދުއްވުމަށް ހާއްސަކޮށްފައިވާ ބައިގެ މިހާރުގެ ފުޅާމިނަކީ 25 ފޫޓެވެ. ނަމަވެސް މަގު ހަދާ ނިމުމުން 21 ފޫޓް 10 އިންޗިއަށް ފުޅާމިން ކުޑަވާނެ ކަމަށެވެ.

އަމީނީ މަގުގެ ދެފަރާތުގައި މިހާރު ހަދާފައިވާ ދުވާރުގެ ކޮންމެ ފަޅިއެއްގައި ހަތަރު ފޫޓު ހުންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އަމީނީ މަގު ހަދާ ނިމުމުން ދުވާރުގެ ކޮންމެ ފަޅިއެއްގައި ހުންނާނީ ފަސް ފޫޓޫ ހަތް އިންޗި ކަމުގައިވެސް ވިދާޅުވިއެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މަސައްކަތް ފެށުމުގެ ގޮތުން މިހާރު ވަނީ އަމީނީ މަގުގެ ބައެއް ބަންދުކޮށްފައެވެ.