ގައުމުގެ ސަލާމަތަށްޓަކައި ކުރަން ޖެހޭ ކަމަކީ ބެނާ ނެގުންތޯ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފިއެވެ.

Ads by Asuru

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި، ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާއެކު، ސަލާމަތީ ބާރުތަކުން ދަނީ، މި ހަަރަކާތް ހުއްޓުވުމުގެ ގޮތުން ”އިންޑިއާ އައުޓް“ ލިޔެފައިވާ ބެނާތައް ނަގައި، މިކަމުގައި އަމަލީ ގޮތުން އުޅޭ މީހުން ހައްޔަރުވެސް ކުރަމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހޮނިހިރު ދުވަހުގެ ރޭ ”މަވެސް ޕީޕީއެމް“ މިނަމުގައި ބޭއްވި ޖަގަހަ ޖަލްސާގައި، ސަލާމަތީ ބާރުތަަކަށް ފާޑު ވިދާޅުވެ، ރައީސް ޔާމީން ވަނީ ގައުމީ ސަލާމަތަށްޓަކައި ކުރުން މުހިންމު ކަމަކީ ބެނާ ނެގުންތޯ ސުވާލު ކުރައްވައިފައެވެ.

”މިއުޅެނީ އިންޑިއާއިން ހިންގާ ޖަރީމާ ދުނިޔޭގެ ސަމާލުކަަމަށް އައިސްދާނެތީ. އެނޫން ކޮންކަމެއްތޯ މިއީ؟ އެކަމަކު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ދުނިޔޭގެ ސަމާލުކަމަށް މިކަން(އިންޑިއާ އައުޓް ހަރަކާތް) ގެންނަން ކުރާ މަސައްކަތް. ދުނިޔޭގެ ސަމާލުކަމުގެ އެތަންމިތަނަށް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ”އިންޑިއާ އައުޓް“ އެއްވުންތައް ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެ، ގިނަ އަދަދެއްގެ އަންހެނުން ހައްޔަރު ކުރަމުންދާތީ އެކަމަށްވެސް ފާޑުވިދާޅުވިއެވެ.

”ކުރީ ރޭވެސް 10 މީހުން ނެގިއިރު، އަށް މީހުން އަންހެން. އެހެންވީމަ، ލައްކަ މަސައްކަތް ކުރެވިއްޖެތާ ފުލުހުންނާ ސިފައިން ނުކުމެ.“އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ހިންގަމުން އަންނަ ޖަރީމާތަކާ ދެކޮޅަށް، މާދަމާވެސް ދިވެހި ރައްޔިތުންނަށް މަގުތަކަށް ނުކުމެ އަޑު އުފުލޭނެ ކަމަށާއި، ނަމަވެސް ”އިންޑިއާ އައުޓް“އޭ ގޮވައިފިނަމަ، އެކަން ހުއްޓުވާނެ ކަމަށެވެ.

”އެހެންވީމަ، މިހާވަރަށް ދެއްތޯ ބަޔަކު ދަށު ވާނީ؟ އެއްވެސް ކަހަލަ އަބުރެއް، އިއްޒަތެއް، ޝަރަފެއް ދަންނަ ބައެއް ނޫން މިއީ. އެހާ ބޮޑަށް އެހެރީ ފިތި ބާރުވެފައި.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާއިން ރާއްޖެ އަޅުވެތި ކުރާ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ނުލިބެނީ، މިފަދަ އަމަލުތައް ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ހިންގަނީ އިންޑިއާ ފަދަ ނުފޫޒު ގަދަ ގައުމުތަކަށް ވާތީ ކަަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތު ދިވެހި ރައްޔިތުންނަށް ގަބޫލު ނުކުރެވޭ ކަަމަށާއި، ގިނަ ބަޔަކު ޕީޕީއެމާ ގުޅެމުންދަނީ މި ސަބަބާހުރެ ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ފާޑު ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީ އަކީ ޑިމޮކްރަސީއާއި ފްރީޑަމް އޮފް އެކްސްޕްރެޝަން ފައްކާ ކުރަން އައި ބައެއް ކަމަށާއި، އެހެންނަމަވެސް އެޕާޓީއަށް ވެރިކަން ލިބުމުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަވެސް ފަހަތަށް ގޮސްފައިވާ ކަމަށެވެ.