އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާ، އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މިބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފާއި، ވޮލީ ބޯލް އެސޯސިއޭޝަނާއި، ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިންގ ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާ އޮފިޝަލުންނާއި އެސޯސިއޭޝަންތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

އަދި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްެވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށާ، އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުޞަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ބީޗް ވޮލީއާ ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަޤުބަލް އޮތް ކުޅިވަރުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.