2021 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހާސިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު، ފާތިމަތު ހުޔާމް ޚަލީލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

Ads by Asuru

ފާތިމަތު ހުޔާމަށް ރައީސް ހިތްވަރު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރުން ހުޔާމްގެ މިކާމިޔާބީ އާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް އަރަބިއްުޔަތުލް އިސްލާމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ އާއި ތަހުނިޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ޔުނިވަސިޓީ ތައުލީމުގެ މަރުހަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ފާތިމަތު ހުޔާމް ހަލީލް ވަނީ، ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާ ހޯދައެވެ. އާކިޓެކްޗާގެ ދާއިރާއިން ކުރިއަށް ދިއުމަށް ގަސްދު ކުރާ ހުޔާމް، މަތީ ތައުލީމް ހާސިލްކުރުމަށް ނިންމާފައިވަނީ މެލޭޝިއާގެ ”އިންފްރާސްޓްރަކްޗާ ޔުނިވަސިޓީ ކުއާލާލަމްޕޫރް“ގައި ”ބެޗްލާ އޮފް ސައިންސް އިން އާކިޓެކްޗާ ސްޓަޑީޒް“އެވެ.