މާލެ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާގައި މިހާރު ތިބި ބަންގްލަދޭޝްގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް މޭޔަރާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވިދާޅުވީ ދާއިމީ ހައްލެއް ގެނެވެންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގެ ވަގުތީ ހިޔާގައި ތިބި މުވައްޒަފުންނަށް ޒިޔާރަތް ކުރެއްވިކަމަށާއި، އެކޮމޮޑޭޝަން އާއި މެދު އެ މުވައްޒަފުން ހިތްހަމަޖެހޭކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މޭޔަރު މުޢިއްޒު ވަނީ މި ހާދިސާގައި ވަގުތީ ހިޔާގައި ތިބި އެ ޤައުމުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގައި ވިދާޅުވެފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައިތިބި ބަންގްލަދޭޝްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ލުއިފަސޭހަގޮތްތައް ހަމަޖެހިފައިވާކަމުގެ ޔަޤީންކަންވެސް މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ.
މާލެ ސިޓީގެ މޭޔަރާއި ބަންގްލަދޭޝް ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.