ސްޓޫޑަންޓް ލޯނުތަކުން އަނބުރާ ލިބެންޖެހޭ ފައިސާ ހޯދަން ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމުން ކޯޓަށް ވެސް ދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވި އިރު ސްޓޫޑަންޓް ލޯނު ސްކީމުތަކުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި މިހާތަނަށް ލޯނުތަކުން 187 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އޮޑިޓް އޮފީހުން ދާދި ފަހުން ވަނީ ބުނެފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ލޯނު ފައިސާ ހޯދަން ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމުން ކޯޓަށް ވެސް ދާނެ ކަމަށާއި ލޯނު ދެނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ހޭދައެއް ކޮށްގެން ކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށް ވަރަށް ގިނަ މަޝްރޫއުތައް ހިންގަން އެބަހުރި ކަމަށާއި ކޮވިޑްގެ ތެރޭގައި ވެސް މެދުކެނޑުމެއް ނެތި ލޯނު ދެމުން ދިޔައީ މީހުން ބިނާކުރުމަށްޓަކައި އޭގެ މުހިއްމުކަން އިންތިހާއަށް ބޮޑުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންވީމަ ދަރިވަރުންގެ މައްޗަށް އޮތް ޒިންމާއެއް، އެމީހުންގެ މައްޗަށް އޮތް ވާޖިބެއް އެއީ އެ ފައިސާ އަނބުރާ ދެއްކުން މުސްތަގުބަލުގައި އެހެން ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި ރާއްޖެއަށް ހިދުމަތް ކުރުމަށް އާ ޒުވާނުންތަކެއް ތަމްރީނުވެގެން ތަރުބިއްޔަތުވެގެން ނުކުމެގެން އަންނާނީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުން ކަމަށާއި މުސްތަގުބަލުގައި ގައުމު ބިނާވެގެންދާނީ އޭރުން ކަމަށެވެ. އަދި ލޯނު ފައިސާ ހޯދުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.