މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ އަށް ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވިފައިވާ ކަމަށާ، އެކަން ޙާޞިލްކުރުމުގައި، ބައިނަލްއަޤުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ، އިންސާނީ ޙައްޤުތައް ކުރިއަރުވައި، ޙިމާޔަތްކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުން، މިތިން އަސާސްގެ މައްޗަށް ކަމަށެވެ.

ދަތުރުފަތުރު ކުރުމުގައި ލުއިފަސޭވުމަކީ، ޘަޤާފީ ގުޅުންތަކާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ހިއްވަރު ލިބި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާޞިލްވެވޭނެ ފާލަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރާއްޖެއިން އެހެން ޤައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެޤައުމުތަކުން ވެސް ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއާއި ޤައުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.