ބޭނުންވާ ތެކެތި:

Ads by Asuru

100 ގްރާމް ވައިޓް ޗޮކްލެޓް

½ ޖޯޑު ފުލް ކްރީމް ކިރު (ކޯން ފްލާއާއި އެއްކުރަން)

¼ ޖޯޑު ކޯން ފްލާ

½ 2 ޖޯޑު ފުލް ކްރީމް ކިރު

1 ދަޅު ގެރި ކިރު (380 ގްރާމް)

1 ޖޯޑު ފުލް ކްރީމް ކިރު (ބިސްކޯދު ފޯކުރަން)

½ 2 ސައިސަމުސާ ކޮފީ ޕައުޑަރ

1 މާރީ ބިސްކޯދު ޕެކެޓު (400 ގްރާމް)

10 އަލްމަންޑް (ތުނިކޮށް ކޮށާފައި)

ހަދާނެ ގޮތް:

ވައިޓް ޗޮކްލެޓުގެ ދެބައިކުޅަ އެއްބައި ތުނިކޮށް ކޮށާލާށެވެ. ބާކީއޮތްބައި ފްރިޖްގައި އެހަށް ބާއްވާށެވެ.  ½ ޖޯޑު ކިރާއި ¼ ޖޯޑުގެ ކޯން ފްލާ ބޯތަށްޓަކަށް އަޅާ އެއްކޮށްލާފައި އެހަށް ބަހައްޓާށެވެ.  ½ 2 ޖޯޑު ފުލް ކްރީމް ކިރާއި، ގެރިކިރު ތެއްޔަކަށް އަޅާށެވެ. ހުއްޓާނުލާ އެއްކުރަމުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން މެދު ގިނީގައި ކައްކާށެވެ. މިކަމަށް މާ ގިނައިރެއް ނުނަގާނެއެވެ. ކުރިން އެއްކޮށްފައި ބެހެއްޓި ކޯން ފްލާއާއި ކިރު އަދި ކޮށާފައި ބެހެއްޓި ޗޮކްލެޓު ތެއްޔަށް އަޅާފައި ތެލީގައި ހުރި ސާމާނު އޮލަ ވަންދެން ހުއްޓާނުލާ ގިރަމުން ކައްކާށެވެ. ކޯން ފްލާ އެތި ތެއްޔަށް އެޅުމުގެ ކުރިން ރަނގަޅަށް ގިރާލަން ވާނެއެވެ.

ތެލީގައި ހުރި ސާމާނު އޮލަވި ކަމަށް ބަލާނީ ސަމުސަލެއް އެ ސާމާނުގެ ތެރެއަށް ލާފައި ނަގާއިރު އޭގައި ފަށަލައެއް ލެވިފައި އޮންނާނެ ވަރަށް ކެކުނީމައެވެ. ދެން ½ 1 ސައިސަމުސާ ކޮފީ ތެލީގެ ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާފައި އުނދުން ނިވާލާށެވެ. އަދި 1 ޖޯޑު ކިރާއި 1 ސައިސަމުސާ ކޮފީ ބޯތަށްޓެއް ނުވަތަ ކޮންޓެއިނަރަކަށް އަޅާ ގިރާލާށެވެ.

މާރީ ބިސްކޯދުތައް ޕެކެޓުން ނަގައި ފަހަރަކު ބިސްކޯދެއް ފޯކުރުމަށްފަހު ތަބަކެއްގައި އަތުރަމުން ގެންދާށެވެ. ފޯކުރާނީ ފޯވެގެންގޮސް ބިސްކޯދު ހަލާކުވާ ވަރަކަށް ނޫނެވެ. ބިސްކޯދު ފަށަލައަކުން ތަބަކުގެ ފޫ އެއްކޮށް ފޮރުވާލާށެވެ. މިކަން ކުރާއިރު ހަތަރެސްކަން ބައްޓަން ގެނައުމަށްޓަކައި ބައެއް ބިސްކޯދު މެދުން ބިންދާލަން ޖެހޭނެއެވެ. އުނދުން މަތިން ބޭލި އެތީގެ ތިން ބައިކުޅަ އެއްބައި ތަބަކުގައި ހުރި ބިސްކޯދުތަކުގެ މައްޗަށް އަޅައި ރީތިކޮށް ފަތުރާލާށެވެ. އަނެއްކާވެސް ފަހަރަކު ބިސްކޯދެއް ފޯކޮށްފައި ކޮންޓެއިނަރުގެ ތެރޭގައި އަތުރާލައިގެން ދެވަނަ ފަށަލަ ހަދާށެވެ. ދެން އަނެއްކާވެސް ކެއްކި އެތީގެ 3 ބައިކުޅަ އެއްބައި އެ ބިސްކޯދު ފަށަލައިގެ މައްޗަށް އަޅައި އޮމާން ކޮށްލާށެވެ.

އަނެއްކާވެސް ބިސްކޯދު ފޯކޮށް އަތުރާފައި އޭގެ މައްޗަށް ކެއްކި އެތީގެ ބާކީހުރި ބައި އަޅާ އެއްވަރުކޮށްލާށެވެ. ބާކީ އޮތް ވައިޓް ޗޮކްލެޓް ތުނިކޮށް ކޮށާފައި ތަބަކުގެ މައްޗަށް ބުރުއްސާލާށެވެ. އަލްމަންޑްތައްވެސް ހަމަ އެގޮތަށް ބުރުއްސާލާށެވެ.  ދެން އައިސްއަލަމާރިއަށްލާ ސެޓްކުރަން ބަހައްޓާށެވެ.