އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 8 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ.

Ads by Asuru

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން ރަޖިސްޓަރވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ 120 ހިއްސާދާރުންނަށްކަމަށް އުރީދޫއިން ހާމަކުރެއެވެ. އަދި މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ”ފަހިވޯޓު“ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަމަހުގެ 6ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

އަހަރީ އާންމު ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނަނީ ނިމިދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި، ބޯޑުން ކަނޑައަޅާ ހިއްސާގެ ފައިދާ އަދަދު ހިއްސާދާރުންގެ ވޯޓުން ނިންމުމާއި ކުރިއަށްއޮތް އަހަރަށް ކުންފުނީގެ ބޯޑު އަދި އޮޑިޓަރު ހޮވުން ފަދަ ކަންކަމެވެ.

އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުންވަނީ ނިންމާފައެވެ.

2021ވަނަ އަހަރުގެ ހިއްސާއިން މިދިޔަ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 2.34 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ހިއްސާދާރުންނަށް ބަހަން ފާސްކޮށްފައިވާ އަދަދަކީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.