ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރަކަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އިންތިހާބުވެއްޖެއެވެ.

Ads by Asuru

އެ ޕާޓީގެ ގައުމީ ކޮންގްރެސް ރޭ ނިންމައިލި އިރު، ނައިބު ލީޑަރުންގެ ފަސް މަގާމަށް 12 މީހަކު ވާދަކުރިއެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަހުލާ އަށް، ވަގުތީ ނަތީޖާ ދައްކާ ގޮތުން 558 ވޯޓް ލިބިވައިގެންނެވިއެވެ.

ނައިބު ލީޑަރުންނަށް ދެން އިންތިހާބުވެވަޑައިގަތް ބޭފުޅުންނަކީ އެއީ ކުރިން ވެސް ޑެޕިއުޓީ ލީޑަރުގެ މަގާމު ފުރައްވާފައިވާ އަމީން އިބްރާހިމާއި ފާއިތުވި ދައުރުގައި ޖޭޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދާއި އިގުބާލު އާދަމްގެ އިތުރުން އަލީ ޝާހެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އަމީނަށް 327 ވޯޓު، ސައުދަށް 275 ވޯޓު، އިގުބާލަށް 263 ވޯޓް އަދި ޝާހަށް 277 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ނައިބު ލީޑަރުންނަށް ވާދަކުރެއްވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވެސް ހިމެނިވަޑައިގެންނެވިއެވެ.