ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ”އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް“ ތައާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

Ads by Asuru

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ކަމަށެވެ. އަދި އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތައާރަފް ކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

”އަދި މާލަސްތަކެއް ނުވެ އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޖޮބް ސެންޓަރުތަކާއި ޖޮބް ސެންޓަރުގެ ޑެކްސްތައް ގާއިމުކޮށް ހިދުމަތް ދޭން ފެށިފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި މިހާރު މަޖިލީހަށް ފޮނުވިފައިވާ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލްގެ ސަބަބުން މުވައްޒަފުންގެ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.