ނައިބު ރައީސްފައިޞަލް ނަސީމް، ގދ. ފިޔޯރީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ އެރަށުގެ ސްކޫލުގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަންޖެހުމުންނާއި އެ ހާދިސާގެ ސަބަބުން ސްކޫލު ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވާފައެވެ. އަދި އެ ބޭފުޅުން ވަނީ ރަށުގެ ޞިއްޙި މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ހިންގާ ބައެއް މަޝްރޫޢުތައް ލަސްވަމުންދާތީ އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމުގައި ވިދާޅުވިއެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރައްވާފައެވެ.

އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.