ވިލިމާލޭގައި މި މަހުގެ 16 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ބަގީގެ ހިދުމަތް ދޭން ފެށުމަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފިއެވެ.

Ads by Asuru

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަގީތައް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގައި ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ނަގާ ބަގީ ނުހިމެނޭނެ އެވެ.

މީގެ ހަފްތާއެއް ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ބަގީގެ ހިދުމަތްތަކަށް އަގު ކަނޑައަޅާފަ އެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ ”ޕްރައިވެޓް ހަޔާރ“ ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެ އެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

– 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

– 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

– 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.