އިގްތިސާދީ ގޮތުން ސަރުކާރުން އަޅަމުން ގެންދަނީ ކާމިޔާބު ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ސޯލިހު މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ)ގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުރަމުން އަންނަކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

އެގޮތުން މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ގައުމުން ފަތުރުވެރިން އައުން، ހަނގުރާމައާ ގުޅިގެން ހުއްޓުމަކަށް އައުމާއި، ތެލުގެ އަގު އެތައްތަނެއް މައްޗަށް ދިއުމާ އަދި ތަކެތީގެ އަގުތައް އުފުލި، ކުރިން ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ބޮޑު ހޭދައެއް ތެޔޮގަތުމަށާއި ސަބްސިޑީއާ އަދި ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމަށް ހޭދަކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި، މި ޙާލަތާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އޭގެ ތެރޭގައި ކުރިން ރިސޯޓްތަކުގެ ބިމުކުލި ކުޑަކުރުމަށް ސަރުކާރުން ނިންމާފައި އޮތް އޮތުން މި ވަގުތަށް މަޑުޖައްސާލައި މި ދުވަސްވަރު ރިސޯޓްތަކުގެ ބިމު ކުލި ކުޑަނުކުރާ ގޮތަށް ނިންމެވުމާއި އަދިވެސް ހަރަދުތައް ކުޑަކުރުމާއި އަދި މިވަގުތަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމެވުން ހިމެނެއެވެ.

މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި އޮތް ނަމަވެސް ރާއްޖޭގެ އިޤްތިޞާދުގެ އަމާޒުހުރީ ރަނގަޅަށްކަން ފާހަގަކުރައްވައި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިންވެސް ޒިޔާރަތްކުރިކަމާއި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީ ލިބުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުން ދިވެހިންގެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.