ރައްޔިތުން ވެރިކަން ހަވާލުކުރުމާއެކު ނުރައްކާތެރި ހުރިހާ ގޭންގްތަކެއް ރޫޅާލާނެ ކަމަށް ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މާލޭގައި ރޭ ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގާއި ދެކޮޅަށް މައިގަނޑު ހަތަރު ސިޔާސަތެއް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގު އެތެރެކުރާ ބޯޓުތަކަށް ކަނޑުމަތިން ބަޑިޖަހާ ފައްތާލާނެ ކަމަށާއި ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
ޑްރަގުގެ ވިޔަފާރިކުރާ މީހުން މިނިވަން ނުވާ ގޮތަށް ޖަލުގައި ބަންދު ކުރާނެ ކަމަށާއި ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ރިހިބިލިޓޭޝަން ފަރުވާ 24 ގަޑިއިރު ތެރޭގައި ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގުގެ ވަބާ ކަމަށާއި ޑްރަގާއި ގުޅިފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގޭންގުތައް ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.