ރިޔާސީ ލޯންޗުކޮޅު ”ފިނިފެންމާ“ގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅޭގޮތުން، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ދެއްކެވީ ”ސިޔާސީ“ ވާހަކަތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހުގައި، ރައީސް ޔާމީންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފަހުކޮޅުއެވެ.

އެ ހާދިސާއާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުއާޒު ދެއްކެވި ވާހަކައިގައި، އެ ހާދިސާއާ ގުޅިގެން ޕްރެސް ކޮންފަރެންސްއެއް ބާއްވަން އޭނާއަށް އެންގި ކަމަށާއި، އޭނާއަށް އެ ލޯންޗުން އަލިފާން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ހާދިސާގެ ވީޑިއޯ އެޑިޓް ކޮށްފައިވާ ކަމަށްވެސް މުއާޒު ތުހުމަތު ކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އޭރުގެ ހޯމް މިނިސްޓަރު އަދި ފިނިފެންމާ ހާދިސާ ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޓީގެ ޗެއާގެ މަގާމުގައި ހުންނެވި އުމަރު ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މުއާޒަށް އެންގީ އޭނާ އަކީ ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް ވުމުން ކަަމަށެވެ.

އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގެ ބޭނުމަކީ، ހާދިސާގެ ވީޑިއޯ ދެއްކުން ކަމަށް ވިދާޅުވިއެވެ. ވީޑިއޯގެ ސައްހަ ކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއްވެސް ނެތް ކަަމަށް އުމަރު ވިދާޅުވިއެވެ.

“ އެ ސީޑީގައި އެ ދައްކުވައިދޭ ޝޮޓަކީ، ހަމަ އޮރިޖިނަލް ޝޮޓެއް. ހަމަ އޭގަ ހުރި ގޮތަށް އެ ދައްކަނީ. އެއްވެސް އެޑިޓް ކުރުމެއް ނެތި، ހަމައެކަނި އެޑިޓެއް ކަމަށް އޮންނާނީ ދެ ފަޅި ކަނޑާފަ އޮތުން، އެއީ އޭގަ ބޭކާރު އެތައް އެއްޗެއް ހުރީމަ.“

އުމަރު ވިދާޅުވީ ހާދިސާގެ ވީޑިއޯގެ އޮރިޖިނަލް މިހާރުވެސް ރައީސް އޮފީހުގައި ހުންނާނެ ކަމަށެވެ. އަދި ހާދިސާއާ ގުޅޭގޮތުން ޝައްކު އުފެދޭ ނަޒަރަކުން މުއާޒު ދެއްކެވީ ސިޔާސީ ވާހަކަތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅޭގޮތުން މީގެ ކުރިންވެސް މުއާޒު މިފަދަ ވާހަކަތަކެއް ދެއްކެވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހުގައި، އެ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި މުއާޒު ވަނީ ފިނިފެންމާ ހާދިސާ އަކީ ”ޑްރާމާ“އެެއް ކަމަށް ސިފަކޮށް ވާހަކަ ދައްކަވައިފައެވެ. އޭނާގެ އެ ވާހަކަތަަކަކީ ”ރޯ ބުހުތާނު ދޮގު“ ކަމަށް އޭރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބުނެފައިވެއެވެ.