ސިޒޭރިއަން އަކީ ބަނޑުގައިވާ ކުއްޖާ ބަނޑުން ނެގުމަށް ބަނޑު ފަޅާލައިގެން ކުރާ އޮޕަރޭޝަނަކަށް ކިޔާ ނަމެކެވެ. ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ސިޒޭރިއަން ހަދާއިރު ބަނޑު ފަޅާލަން ޖެހޭ އެންމެ ރަނގަޅު މިންވަރަކީ 12 ސެންޓިމީޓަރާއި 17 ސެންޓިމީޓަރާއި ދެމެދަށެވެ. އެއީ އެއަށް ވުރެއް ބޮޑަށް ފަޅައިފިނަމަ އަންހެން މީހާއަށް އިތުރު ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށްޓަކައެވެ.

Ads by Asuru

ވިހެއުމުގެ ތެރޭގައި ދިމާވާ ތަފާތު މައްސަލަތަކާ ގުޅިގެން، ނުވަތަ ބައެއް ފަހަރު، އަމިއްލައަށް އެދިގެން ސިޒޭރިއަން ނުވަތަ ސީ-ސެކްޝަން ހަދާ އަންހެނުން ރާއްޖޭގައިވެސް ވަަރަށް ގިނައެެވެ. އެގޮތުން ރާއްޖޭގައި ވިހާ މީހުންގެ 60 އިންސައްތަ މީހުން ހަދަނީ ސިޒޭރިއަންކަން ތަފާސްހިސާބުން އެނގެން އެބައޮތެވެ.

މިއީ ގުދުރަތީ ގޮތުން ވިހެއުމަށްވުރެ، އެތައް ގޮތަކުން ރިސްކު ބޮޑު ކަމެކެވެ. އަދި ފަސޭހަވުމަށްވެސް ގިނަ ދުވަސް ހޭދަވާ ކަމެކެވެ. މި ލިޔުމުގައި މި ހިމަނާލަނީ ސީ-ސެކްޝަން ހަދާ މީހުން އަވަހަށް ރަނގަޅުވުމަށްޓަކައި ސަމާލުކަންދޭންވީ ބައެއް ކަންކަމެވެ.

ގިނަ މީހުން ބުނާގޮތުގައި ސިޒޭރިއަންއަށް ފަހުގައި މުޅިން ”ރިކަވަރ“ވުމަށް ހަތަރެއް ނޫނީ ހަ ހަފްތާގެ މުއްދަތެއް ހޭދަވެއެވެ. އެކަމަކު ކޮންމެ މީހަކީވެސް ތަފާތު މީހަކަށް ވުމާއެކު، އެކި މީހުންނަށް މި މުއްދަތު ތަފާތުވެއެވެ. އަދި ގިނަ ދިރާސާތަކުން އެނގުނު ގޮތުގައި ރަނގަޅުވުމަށް ހަ ހަފްތާއަށްވުރެވެސް ދިގު މުއްދަތެއް ހޭދަވެއެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ސިޒޭރިއަން ހަދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަށް 24 ހަފްތާ ފަހުންވެސް ތަދު އިހްސާސް ކުރެވެއެވެ.

ވިހެއުމަށްފަހުގައި ބަރުދަން ލުއިކުރަން ބޭނުންވިނަމަވެސް، ސިޒޭރިއަންއަށްފަހު ހައެއް ނޫނީ އަށް ހަފްތާ ފަހުން ނޫނީ ކަސްރަތު ކުރުމަކީ އެންމެ އެދެވިގެންވާ ކެމެއް ނޫނެވެ. އެގޮތުން ގިނައިން އަރާމު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތުއްތު ކުއްޖަކު ގޮވައިގެން އުޅޭއިރު، ގިނައިން އަރާމު ކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، ދަރިފުޅު ނިދ ވަގުތުތަކުގައި މިކަން ކުރެވިދާނެއެވެ.

އެހެން މީހުންގެ އެހީ ހޯދުމަކީވެސް މުހިންމު ކަމެކެވެ. ވިހައިގެން އުޅޭ ދުވަސްވަރު އާއިލާ ނުވަތަ ރަހްމަތްތެރިންގެ ތެރެއިންވެސް، ތިބާއަށް އެހީވާން ތިބި މީހުންގެ ފަރާތުން އެހީ ހޯދާށެވެ.

ސިޒޭރިއަންއަށްފަހުގައި ލޭގަނޑުވުމުގެ މައްސަލަ ދިމާވެދާނެތީ، މަޑުމަޑުން ހިނގާލާ އުޅުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ”ބްލަޑް ކްލޮޓް“ ވުމުން ސަލާމަތްވުމުގެ އިތުރަށް، ޖިސްމާނީ ދުޅަހެޔޮކަންވެސް ލިބޭނެއެވެ.