ރާއްޖޭގެ ދަރަނި ރިސްޓްރަކްޗަރ ކޮށްފިނަމަ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވެފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ.
މެންބަރު އިބްރާހިމް ރަޝީދު ފޮނުވި ސުވާލުގައި ބުނެފައިވަނީ، ރާއްޖޭގެ ދަރަނި މިހާ ބޮޑުއިރު، ދަރަނި މަދުކޮށް ރިސްޓްރަކްޗަރ ކުރުން މުހިންމު ކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ވިސްނުން ފިނޭންސް މިނިސްޓްރީން ގެންގުޅޭތޯއެވެ.
އެ ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ދަރަނި ރިސްޓްރަކްޗަރ ކުރުމަކީ ރޭޓިންގ އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީފޯލްޓް ރޭޓިންގ އަށް ޑައުންގްރޭޑް ކުރާކަމެއް ކަމަށެވެ.
”އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށާއި އަދި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވުމެވެ.“ މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އެންމެ ރަނގަޅު މަގަކީ ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުން ކަމަށެވެ.
އަދި ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ 2023 – 2025 އެކުލަވާލާފައި ވާނީ މިކަންކަން ހިމަނައިގެން ކަމަށް ވެސް ވިދާޅުވިއެވެ.