މޭވާތަކުގެ ރަސްގެފާނު ކަމަށް ބުނެވޭ އަނބުގައި ވަރަށް ގިނަ ފައިދާ ހިމެނެއެވެ.

Ads by Asuru
  • އަނބުގައި ގިނަ ވައްތަރުގެ ފީނޮލިކް ކަމްޕައުންޑް ތައް ހުރެއެވެ. އޭގެ ތެރޭގައި “ކްއެރެސްޓިން” ، “އައިސޯކްއެރެސްޓިން”، “އެސްޓްރެގެލިން”، “ފިސެޓިން”، “ގެލިކް އެސިޑް”، އަދި “މީތައިލް ގެލޭޓް” ހުރެއެވެ. މީގެ އިތުރުން ވަރަށް ގިނަ އެންޒައިމްތައް ހުރެއެވެ. މިހުރިހާ މާއްދާތަކެއް ގައި ވެސް ކެންސަރުން ރައްކާތެރިވުމުގެ ބާރު ހުރެއެވެ. ފަސޭހައިން ފެނަށްގިރޭ ފައިބަރުގެ ވައްތަރެއް ކަމުގައިވާ “ޕެކްޓިން” ވެސް އަނބުގައި ހުރެއެވެ. ފައިބަރު ގިނައިން ކެއުމުގައި ހިމެނުމާއި، ހަޖަމުކުރާ ނިޒާމްގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަވުމާއި ދެމެދު ގުޅުމެއް ވާކަމަށް ސައިންސްވެރިން ވަނީ ހޯދާފައެވެ. ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ 76 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ވެސް ބާރުގަދަ އެންޓި އޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދީ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކޮށް، މުސްކުޅިވުން ލަސްކޮށްދެއެވެ.

 

  •  ގިނަ އަދަދަކަށް ވިޓަމިން އޭ ހުރެއެވެ. ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން އޭގެ 25 އިންސައްތަ ހުރެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ސާފުކޮށްދީ ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ގަވާޢިދުން އަނބު ބޭނުންކުރާނަމަ، ރޭގަނޑު ރޯނާވުން، ލޮލުން ފެންއައުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ލޯތެރެ ހިރުވައި ހިކުން، ލޮލުން ދިލަނެގުން، އަދި ލޮލުގެ ހާމަދުލި މަޑުވުން ފަދަ ލޮލުގެ މައްސަލަތަކުން ދުރުކޮށްދޭނެއެވެ.

 

  • ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމް ތައް އަނބުގައި ހުރެއެވެ. މިގޮތުން އަނބުގައި ހުންނަ ހަޖަމުވުމަށް އެހީތެރިވެދޭ މާއްދާތަކުގެ ތެރޭގައި، “އެސްޓަރ”ތައް، “ޓަރޕީން”ތައް، އަދި “އެލްޑެހައިޑް” ތައް ހިމެނެއެވެ. މިއީ ކާތަކެތީގައި ހިމެނޭ ޕްރޮޓީން ތައް ބައިކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. އަދި ބަނޑުގައި ވައިހެދުން ކުޑަކޮށްދީ، ހަޖަމުކުރުމުގެ މަސައްކަތް ފަސޭހަކޮށް ހަލުވިކޮށް ދެއެވެ. މީގެ އިތުރުން އަނބުގައި ފައިބަރު ގިނައިން ހުރުމަކީ ބޮޑުކަމުދިއުން ފަސޭހަވެ، ބަނޑުހިކުމުން ދުރުކޮށްދޭނެއެވެ.

 

  • އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މިއީ މާބަނޑު އަންހެނުންނާއި، މައްސަރު ކަންތައް ޖެހިފައިވާ އަންހެނުންނާއި، އަދި އެނޫން ގޮތަކުން ނަމަވެސް، ލޭމަދުވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ. އަދި އަނބުގައި ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ދަގަނޑު ހަށިގަނޑަށް ނެގުމުގައި އެހިތެރިވެދޭ މާއްދާ އެކެވެ.

 

  • އިއްދައިން ކެނޑުމުން ވަރަށް ގިނަ އަންހެނުން ވަރުބަލިވާގޮތް ވެއެވެ. މިހެންވާނަމަ އަނބު ބޭނުންކުރެވިދާނެ އެވެ. ސަބަބަކީ ގިނަފަހަރު ވަރުބަލިވަނީ ލޭގައި ދަގަނޑުގެ ބައި މަދުވެ، ލޭދަށްވާގޮތް ވުމުންނެވެ.