އައްޑޫ ސިޓީން ކުޑަކުއްޖަކު މީސްލްސްއަށް ޕޮޒިޓިވްވެއްޖެއެވެ.

Ads by Asuru
މީސްލްސް ނުވަތަ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫއިން މީސްލްސްއަށް ކުއްޖަކު ޕޮޒިޓިވްވެ، މީސްލްސް ޖެހުނުކަމަށް ބެލެވޭ އިތުރު ކުއްޖަކު ދެނެގަނެވިފައިވާތީ ސާމްޕަލް ނަގައި ޓެސްޓު ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެ ދެ ކޭސްވެސް ފެނިފައިވަނީ ކުޑަކުދިންގެ ގައިން ކަމަށާއި ނަމަވެސް މިހާރު ބަލިފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެ ދެކުދިންގެ ފަރާތުން މީސްލްސް ފެތުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

މީސްލްސް ނުވަތަ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށާއި އެހެންކަމުން ބަލީގެ އެންމެ ކޭސްއެއް ފެނުނަސް ބަލާނީ އައުޓްބްރޭކެއްގެ ގޮތުގައިކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރިއަށް ގެންދަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.