ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިޢުލާން ބާޠިލްކޮށް، އަލުން ޕްރޮޕޯސަލް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހުޅުވާލާފައެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލީ، ކުންފުނިތަކުން ހުށަހަޅާފައިވާ ބިޑުތަކުގައި ޙައްޖުގެ އަޅުކަމުގެ ޚިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށައަޅާފައިވުމުގެ އިތުރުން ޙައްޖަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލާއި މަޢުލޫމާތު ކަރުދާހުގައި އަދި ޙައްޖު ޕްރޮޕޯސަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭނެކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުންކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުންކަމަށެވެ.

އެގޮތުން އަލުން ބިޑު ހުށަހެޅޭނީ 75000 ރުފިޔާއާއި 95000 އާއި ދެމެދުގެ އަގެއްކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އަލަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު މިނިސްޓްރީގެ މީޓިންގ ރޫމްގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

އަލުން ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ސަޢުދީ ސަރުކާރުންވަނީ 1000 ކޯޓާ ދީފައެވެ. މީގެތެރެއިން ދެބައިކުޅަ އެއްބައި ކޯޓާ ދިނުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.

އަދި ބިޑު ކާމިޔާބުކުރާ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެއިތުރުން ރާއްޖެއަށް ސައުދީ ސަރުކާރުން ދެމުން އަންނަ ރަސްމީ ކޯޓާ އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.