ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.

Ads by Asuru

މަހުލޫފްގެ މައްޗަށް ދައުވާ ކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތުން 33,000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ބުނާ މައްސަލައިގައެވެ.

މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއްކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން ބަލާއިރު ނެތްކަމަށް ނިންމައި މީގެކުރިން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. ނަމަވެސް އަލުން ޝަރީއަތް ހިންގަނީ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރު ކުރުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަހްލޫފަށް ކުރާ ދައުވާ އަނބުރާ ގެންދަން ނިންމީ މިހާރު އެ މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާކޮށް ބެލިއިރު, އެ ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއްކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީއެވެ. ދައުވާ އަނބުރާ ގެންދަން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ޕީޖީގެ ބަހެއް އަދި ނުލިބެއެވެ.